ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

މިއަދު މެންދުރު ކޮލަމާފުށީގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮލަމާފުށީގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމާއި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ގއ. ކޮނޑޭއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ  ބިން ހިއްކުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އެމަނިކުފާނު އިއްޔެ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައްވެސް ހުޅުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.