ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު މެންދުރު ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުއްޓަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮލަމާފުއްޓަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ގއ. ކޮނޑޭއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ ފަރެސްމާތޮޑާ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވާފައެވެ.
މީގެއިތުރުން އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު އިއްޔެ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ވެސް ހުޅުއްވައިދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.