މިއަދުގެ ދިވެހިރާއްޖެއަކީ ޒުވާނުންގެ ދިވެހިރާއްޖެއެއް ކަމަށާއި މިއަދު ރާއްޖެ ހިނގަމުން މިދަނީ ޒުވާނުންގެ ހަކަތައިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގެ އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މިއަދު އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޒުވާނުން ކަންކަމުގައި ޝާމިލުވެ ކަންތައްތައް ކުރާއިރު ކަންކަން ބާރަށް ގެންދެވޭނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދައުރަށް ހޮވިވަޑައިގެންފި ކަމުމުގައިވާނަމަ ޒުވާނުންނަށް ޚާއްޞަކޮށްގެން އިތުރު ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެ ވަޑައިގެންފި ކަމުގައި ވާނަމަ ކޮށްދެއްވާނެ ކަންތައްތަކުގެ މަށްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެތެރޭގައި މަސްވެރި ރަށްރަށުގައި އައިސްޕްލާންޓް ބަހައްޓަވައި ދެއްވާނެކަމަށާއި، ކުރިއަށް އޮތް ފަސް އަހަރުތެރޭގައި 2500 އަށްވުރެ އާބާދީ ބޮޑު ކޮންމެ ރަށެއްގައި ދިވެހި ބޭންކުގެ ގޮތްޕެއް ގާއިމުކޮށްދެއްވައި 1500 އަށްވުރެ ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގައި އޭ.ޓީ.އެމް ބަހައްޓަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ރިއާސީ ދައުރުގައި ރިޓަޔާކުރާ އުމުރު 74 އަހަރަށް މަތިކުރައްވާނެ ކަމަށާއި، ފަތުރުވެރިކަމުގެ ރޮނގުން ކުރިއެރުން ހޯދުމަށްޓަކައި އެސިނާއަތުގެ އެނދު އިތުރުކުރައްވާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން މިކަމަށް މަގުފަހިކުރެއްވުމުގެ ގޮތުން އިންޓަނޭޝަނަލް އެއާޕޯޓު އިތުރުކޮށްދެއްވާނެކަމަށާއި ހުވަދުއަތޮޅުގައި ސީޕްލޭން ހަބެއް ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެ ވެވަޑައިގެންފިނަމަ ރައްޔިތުންގެ ލާބައަށް ކުރައްވާނެ ކަންތައްތައް ފާހަގަކުރައްވަމުން، އިންޓަ އެޓޯލް ޓްރާންސްޕޯޓް ސިސްޓަމެއް ތަޢާރަފުކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން، މަސްވެރިންނަށް މަސްވިއްކޭނެ ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމް ކޮށްދެއްވާނެކަންވެސް ފާހަގަކުރެއްވެވިއެވެ. އެގޮތުން މަސްވެރި ދޯނި ފަހަރަށް ކްރިޑިޓް ނުވަތަ ޑެބިޓް ކާޑެއް ދޫކުރައްވާނެކަމަށާއި، މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ދޯނިފަހަރުގައި އައިސް އުފެއްދޭނެ އިންތިޒާމް ޤާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައިވެއެވެ. 

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގދ. ގައްދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްސްތައް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގއ. ކޮނޑޭއަށް ވަޑައިގެން އެރަށު ބަނދަރު ހުއްޅުއްވައިދެއްވުމަށާއި، ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި ދަތުރުފުޅުގައި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.