ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުވަދުއަތޮޅު ދެނުކުބުރީ ފަރެސްމާތޮޑާއަށް މިއަދު ވަޑައިގެންފިއެވެ.  

ރައީސުލްޖުމްހޫރިއްޔާ ފަރެސްމާތޮޑާއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުގެންދަވާ މި ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި، އެރަށުގެ އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައިވެއެވެ. 

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގދ. ގައްދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްސްތައް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
 
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ގއ. ކޮނޑޭއަށް ވަޑައިގެން އެރަށު ބަނދަރު ހުއްޅުއްވައިދެއްވުމަށާއި، ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި ދަތުރުފުޅުގައި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.