ދަޢުލަތުގެ މުއްސަނދިކަމުން ހުރިހާ ރައްޔިތުންނަށްވެސް ހިއްޞާ ލިބެންޖެހޭނެ ކަމުގައި  ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ވެސް މުހިންމު ރަށެއް ކަމަށެވެ. ރާއްޖޭގައި އާބާދީގެ ގޮތުން ވަރަށް ކުދި ރަށްތައް ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ރަށްރަށުން ލިބޭ އާމްދަނީއަކުން އެކަނި އެރަށްރަށް ތަރައްޤީ ނުކުރެވޭނެ ކަމަށެވެ. ދައުލަތަށް ލިބޭ އާމްދަނީން މާލެ ތަރައްޤީ ކުރެވޭ ފަދައިން މުޅި ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީ ކުރުމުގައިވެސް ދައުލަތަށް ލިބޭ އާމްދަނީ ހިއްސާވާން ޖެހޭނެ ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ދަތިވެފައި ހުރި ބޮޑެތި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށްކަން ފާހަގަ ކުރައްވަމުން، އޭގެ ތެރޭގައި ފެނާއި، ނަރުދަމާގެ ނިޒާމާއި، ކުނީގެ މައްސަލައާއި މަގުހެދުމާއި ބޯހިޔާވަހިކަން ފަދަ މުހިންމު ކަންކަމަށް ޙައްލުހޯއްދަވައި ދެއްވުން ހިމެނޭ ކަމަށާއި، މިދައުރުގެ ތެރޭގައި މިދަފަ ގިނަ ކަންކަން ޙައްލުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަން ޙައްލު ކުރެވިފައި ވަނީ ސަރުކާރު ކުންފުނިތަކުގައި އެޤާބިލްކަން ހުރުމުންކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

ގދ. މަޑަވެލީގައި ބޭއްވެވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ނިމިދިޔަ ސަރުކާރުން އެރަށުގައި ކެޕިޓަލް އިންވެސްޓްމެންޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިނުވާކަން ފާހަގަކުރައްވާފައެވެ. އަދި މިސަރުކާރުން މިހާތަނަށް 140 މިލިއަނެއްހާ ރުފިޔާ އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކޮށްފައިވާއިރު، މިދައުރު ނިމޭއިރު އެޢަދަދު 150 މިލިއަނަށް އަރާނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހުވަދުއަތޮޅަކީ ބޮޑު އަތޮޅެއް ކަމަށާއި، މިއީ ޓޫރިޒަމްގެ ހަބަކަށްވާނެކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކަށް ހެއްދެވުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވާފައެވެ. އަދި ހުވަދުއަތޮޅު އުތުރުބުރިއާއި، ހުވަދުއަތޮޅު ދެކުނުބުރީގައި ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީ ކުރައްވައި 10000 އެނދު އިތުރު ކުރެއްވުމަށް ނިންމަވާފައިވާއިރު މީގެތެރޭގައި ހުވަދުއަތޮޅު ދެކުނުބުރީގައި ތަރައްޤީ ކުރައްވާ 6000 އެނދުގެ އިތުރުން ހުވަދުއަތޮޅު އުތުރިބުރީގައި 4000 އެނދު ތަރައްޤީ ކުރައްވަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މަޑަވެލި ދާއިރާގައި 1400 އެނދު ތަރައްޤީކުރެއްވުމަށް އަމާޒުކުރައްވާފައިވާއިރު، އެއީ 2300 ވަރަކަށް ވަޒީފާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހުވަދުއަތޮޅަށް ޚާސަކުރައްވައިގެން ފެރީ ނިޒާމެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައި ވަނީ އިސްލާމީ ރިވެތި ސިފަތައް އޭގައި ހިމަނުއްވައިގެންކަން ފާހަގަ ކުރައްވައި، ރާއްޖެއިން އަރަބި އިސްލާމީ ޤައުމުތަކާއިއެކު ގާތްގުޅުމެއް ބާއްވަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  މިއެކުވެރިކަމުގެ ސަބަބުން ސަޢުދީ ސަރުކާރުން ރާއްޖެއަށް މިހާރު ދެއްވާފައިވާ ޙައްޖު ކޯޓާ އިތުރު ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި މިއަހަރު އިތުރު އެއްހާސް ޙައްޖު ކޯޓާ ސަޢުދީ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.