ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު މަޑަވެލީގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑަވެލި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، މަޑަވެލީ ބަނދަރު ޙުޅުއްވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއާއި، ގދ. ގައްދޫއަށް ވަޑައިގެން އެދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، އެދެރަށުގައި ތަރައްޤީކުރައްވާފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ކޮނޑޭއަށް ވަޑައިގެން އެރަށު ބަނދަރު ހުއްޅުއްވައިދެއްވުމަށާއި، ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.