ރާއްޖޭގެ ވިޔަފާރިތަކުން ބޭރުގެ ޤައުމުތަކާއެކު ކުރަމުންދާ މުޢާމަލާތްތަކުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން، ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމަންޓްތައް އެކުލަވައިލުމުގެ މަސައްކަތް މިއަހަރުވެސް ސަރުކާރުން ކުރިއަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދިޔަ މީރާގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
 
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޓެކްސްގެ ނިޒާމު ހަރުދަނާކަމާއެކު ކުރިއެރުވުމުގައި މިހާތަނަށް ފާހަގަކުރެވިފައިވާ ގޮންޖެހުންތައް ހައްލުކޮށް، ޤާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މީރާގެ ލަފަޔާއެކު ސަރުކާރުން ކުރަމުން ގެންދަވާނެކަމަށެވެ. 

 ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މީރާއިން ކުދި ވިޔަފާރިތަކަށް ދެމުންދާ ލުއިތަކަކީ، ރާއްޖޭގެ އިޤްތިޞާދުގައި އައު ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީކުރުމަށް ވަރަށް މުހިއްމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ އިޖުތިމާޢީ ހަމަޖެހުމާއި އަމާންކަމުގެ އެއް ސިއްރަކީ ޓެކްސްގެ ފޭރާން ހެޔޮ ނިޒާމެއް ޤާއިމުވެފައި އޮތުންކަމަށާއި، އަދި  އެންމެ އާދައިގެ ރައްޔިތުންނާ ހަމައަށް ޓެކްސްގެ މަންފާ ފޯރުންކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. 

ރާއްޖޭގެ އިޤްތިޞާދު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ރާއްޖޭގެ މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެންގުޅުއްވާ ހުޅުވައިލެވިފައިވާ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަށް ބިޔަ ބޮޑެތި މަޝްރޫޢުތައް އައިސް، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުވެގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފަޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ. އެގޮތުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މީރާ ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މީރާގެ ކޮމިޝަނަރ ޖެނެރަލް ޔަޛީދު މުޙައްމަދަށާއި މީރާގެ މުވައްޒަފުންނަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވާފައެވެ. 

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ޓެކްސް ނެގުމުގެ މުހިއްމު ޒިންމާ އަދާކުރާ މީރާގެ މުވައްޒަފުންނަކީ، ޓެކްސް ދައްކާ ފަރާތްތަކުގެ ނަޒަރުގައި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ޓެކްސް ދައްކާ ހުރިހާ ފަރާތްތަކުންވެސް، އެފަރާތްތަކުގެ ޤާނޫނީ ޒިންމާތައް، ޒިންމާދާރުކަމާއެކު ވަގުތުން ވަގުތަށް ފުރިހަމަކުރަމުން ގެންދިޔުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޓެކްސްގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ޢަމަލުކުރުމާއެކު، އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މީރާއިން ދެއްވާ "ރަންލާރި އެވޯޑު" މިފަހަރު ހާސިލުކުރެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.