މިއަހަރުގެ ސާފް ޗެންޕިއަންޝިޕް މުބާރާތުގައި، ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާތީ، މި މުބާރާތުގެ މެޗުތަކުން މޮޅަށް ކުޅެ، ފާހަގަކުރެވޭފަދަ މޮޅު ކާމިޔާބީއެއް ހޯދުމަށް އެދިވަޑައިގެން، ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހިތްވަރު ދެއްވައިފިއެވެ.

 ރައީސުލްޖުމްހޫރިއްޔާ، ޤައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރު ދެއްވައި ވާހަކަފުޅު ދައްކަވާފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވެވި ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުތައް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، ކުރިޔަށް އޮތް ސާފް ޗެންޕިއަންޝިޕްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ޤައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވަމުންނެވެ.

މި ބައްދަކުކޮށްލެއްވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަކީ މި މުބާރާތް ކާމިޔާބުކުރެވޭނެ ފަދަ ޤާބިލުކަންހުރި، ކުޅަދާނަ ކުޅުންތެރިންތަކެއް ތިބި ޓީމެއްކަމަށާއި،  ރާއްޖޭގެ ފުޓުބޯޅަ ޓީމަކީ މި ސަރަޙައްދުގައިވެސް ފާހަގަކުރެވޭ އެންމެ ހުނަރުވެރި އެއް ޓީމުކަން ފާހަގަކުރައްވައި، 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ހާސިލުކުރުމަކީ މިކަމުގެ ހެއްކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 އަދި، މިމުބާރާތް ކާމިޔާބު ކުރުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް އެދިވަޑައިގެން، ހުރިހާ ކުޅުންތެރިންނަށް ހިތްވަރު ދެއްވައި، މި މުބާރާތުގައި ކުޅޭ ހުރިހާ މެޗެއްގައިވެސް، އެންމެފަހު ވަގުތާ ޖެހެންދެންވެސް ވަރުގަދަ ހިތްވަރަކާއެކު ކުޅުމަށް އެދިވަޑައިގެން، ހުރިހާ ދިވެހިންވެސް ތިބީ ޤައުމީ ޓީމާއި އެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.