ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓްސް އެރީނާ ޤާއިމު ކުރުމުގެ މަޝްރޫޢުގެ ދަށުން ޤާއިމުކުރައްވާފައިވާ ފުޓްސަލްދަނޑުތައް، އެމަނިކުފާނު މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މިގޮތުން 50 ރަށެއްގެ ފުޓްސަލްދަނޑު މިރޭ ރަސްމީކޮށް ވަނީ ހުޅުއްވައި ދެއްވައިފައެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ފުޓްސަލްދަނޑުތައް ހުޅުއްވައިދެއްވުމަށްފަހު، 50 ރަށް ތަމްސީލުކުރާ ފަރާތްތަކާއެކު ހަނދާނީ ފޮޓޯފުޅެއްގައި ބައިވެރިވެވަޑައިގަތެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.