ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއެކު ކުރިމަތިލައްވަނީ ޤައުމީ މަސްއޫލިއްޔަތަކާއި ކަމަށާއި، މި މަސައްކަތަކީ ގިނަ ބައެއްގެ މަޞްލަޙަތު ހިމެނޭ ކަންކަމާއި، ޤައުމިއްޔަތުގެ ރުކުންތައް ސަލާމަތް ކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް އެރުވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ ކުޑަ ދަޢުލަތެއް ނަމަވެސް އުއްމީދުތަކަކާއި ވިސްނުންތަކަކާއި، ޙިމާޔަތްކުރަންޖެހޭ ބަހާތަކެއް އެބަހުރި ކަމަށެވެ. މިހާރު ކުރިމަތިލައްވަނީ އެތައް ޒަމާނެއް ވަންދެން ރާއްޖޭގައި ޙައްލުނުވެ ހުރި މައްސަލަތަކަކާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ދިވެހިރާއްޖެއަށް އުފާފާގަތި ކަމާއި، ހަމަޖެހުން ގެންނަވާ، މިޤައުމަކީ އަމާންތަނަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްޕު ކަމަށެވެ. ރައްޔިތުންގެ އިތުބާރު އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ އިޚްލާސްތެރިކަމާއެކު ޤައުމާއި ރައްޔިތުންނަށް ބޭނުންވެފައި ހުރިކަންތައްތައް ފުއްދަވައިދީގެންކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ ޙައްޤުގައި ނިކުންނަ ލީޑަރުން ކުރާ ކަންތައްތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށާއި، އެއީ ޑިމޮކްރަސީގެ ވެސް އަދި ރައްޔިތުންނާއި ލީޑަރުންނާއި ދެމެދު އޮންނަ އަމާނާތާއި އިތުބާރުގެ ވެސް އަސްލު ކަމުގައި ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބަކީ ދިވެހިންގެ ބަހާތަކާއި ރުކުންތައް ރައްކާތެރިކުރާނީ ކިހާވަރަކަށްތޯ ބަލަން ކުރާ ޓެސްޓެއް ކަމާއި، ދިވެހި ޒުވާނުން މިކަމާ ވިސްނަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަރުދީ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު މާމުހިންމުކަން ފާހަގަކުރައްވާ ދިވެހިރައްޔިތުންގެ ޙައްޤުގައި ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދީ ރާއްޖޭގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ފަރުދީ ބޭނުންތައް ފަހަތަށް ޖައްސާލާ، ޤައުމީ މަޞްލަޙަތު އިސްކުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚަބުގައި ވާދަކުރެއްވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ޓިކެޓް ޤަބޫލުފުޅު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ޓިކެޓް އަރުވާފައި ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސުންގެ މަޤާމުގައި ތިއްބެވި ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ.