ޒެންބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސެލެންސީ މިސިޒް ޖުޑިތް ކަންގޮމަ ކަޕިޖިމްޕަންގަ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޒެންބިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެއިތުރުން ދެޤައުމުގައި ހުރި އެއްގޮތް ކަންތައްތަކާއި އަދި ޚާއްޞަ ގޮތެއްގައި ބައިނަލްއަޤުވާމީ ރޮނގުން ފާހަގަކޮށްލެވޭ މިފަދަ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށާއި، އެކި ރޮނގުތަކުން ދެޤައުމުގެ ތަޖުރިބާތައް ޙިއްޞާކުރެއްވުމާއިމެދު  ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. 

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ޒެންބިއާގެ ސަފީރުވަނީ ދެޤައުމުގެ ދޭދޭ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަށްޗަށާއި، އިތުރު ރޮނގުތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާއިމެދު ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، ފަތުރުވެރިކަމުގެ  ދާއިރާއިން ގުޅުން ބަދަހި ކުރެއްވުމާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރެއްވުމަށް ކުރެވެންހުރި ކަންތައްތަކުގެ މައްޗަށް ބައްލަވާލެއްވެވިއެވެ. 

މިއަދުގެ ބައްދަލުކުރެއްވުމުގައި ޒެންބިއާގެ ސަފީރުވަނީ އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށާއި ވިދާޅުވި ހޫނު މަރްޙަބާއަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ޒެންބިއާގެ ރައީސްގެ ފަރާތްޕުޅުން ހެޔޮ އެދުމާއި ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ ރައްޔިތުންނަށް ޒެންބިއާގެ ސަފީރު ވަނީ އަރިސްކުރައްވާފައެވެ. މީގެ އިތުރުން ޒެންބިއާގެ ސަފީރު ވަނީ ކުރިއަށް އޮތް ތާނގައިވެސް މި ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. 

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.