ސްލޮވާކް ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އިވާން ލަންކަރިކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ސްލޮވާކް ރިޕަބްލިކްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ ތަހުނިޔާ ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ސްލޮވާކް ރިޕަބްލިކްގެ އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ސްލޮވާކް ރިޕަބްލިކާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަކީ ޤުދުރަތީގޮތުން ކުޑަ ޤައުމެއްކަން ފާހަގަކުރައްވައި، ކަނޑުގެ ލޮނުގަނޑުބޮޑުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނުވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ސްލޮވާކް ރިޕަބްލިކްގެ އާ ސަފީރާ ޙިއްޞާކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ސްލޮވާކް ރިޕަބްލިކްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްލޮވާކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ ދެޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން، އިޤްތިޞާދީ ގޮތުން ރާއްޖެއާއި ސްލޮވާކް ރިޕަބްލިކްގެ މެދުގައި އިތުރަށް ގުޅުންބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.