ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ސައިޓް" މަޝްރޫޢު އިފްތިތާހް ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢު އިފްތިތާހްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ރަސްފަންނު ސަރަހައްދުގައި މިރޭ ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސަރުކާރުން އިސްނަންގަވައިގެން މާލެ ސިޓީ ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ދަށުން  ފަންސަވީސް ބުރިއާއި އަށާވީސް ބުރީގެ ހަތަރު ޓަވަރެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދުއިސައްތަ އަށާވީސް ހޮޓަލް ރޫމްވެސް މި މަޝްރޫގެ ދަށުން ތަރައްޤީކުރެވޭނެއެވެ. 

މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް މަޝްރޫޢު ކުރިއަށްގެންދަވާ ކުންފުނި ކަމުގައިވާ ކޮރަލް ބޮލޮވަރޑްގެ ފަރާތުން ރަމްޒީ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގެ ދަށުން އަޅާ އެޕާޓްމަންޓްތަކުގެ ނަމޫނާ އެޕާޓްމަންޓެއް ބައްލަވާލައްވާފައެވެ.

ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ސައިޓް މަޝްރޫޢު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.