ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު މެންދުރު ތިލަދުންމަތީ އުތުރުބުރީ ކެލައަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެލައަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ކެލައަށް ކުރައްވާ މިދަތުރުފުޅަކީ ތިލަދުންމަތީގެ ބައެއް ރަށްރަށަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ކެލާގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.  

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް  ފައްޓަވައިދެއްވައިފައިވެއެވެ. އަދި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވައި، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވައިފައެވެ. 

މީގެއިތުރުން، މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް  ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވައިފައެވެ. މީގެއިތުރުން އެމަނިކުފާނުގެ މިދަތިރުފުޅުގައި ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، ހދ. ހަނިމާދޫއަށް ވަޑައިގެން  އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.