ޤައުމިއްޔަތުގެ ސިފައިގެ އެންމެ މުހިންމު އަސާސަކީ އަދި ޤައުމިއްޔަތުގެ ސިފަ ދެމެހެއްޓުމަކީ ޤައުމަށް ހެޔޮއެދުން ކަމަށާއި ޤައުމަށް ހެޔޮއެދޭ ބަޔަކު ބޭރުދުނިޔޭގައި ޤައުމުގެ ފަތިފުށް ހާމަކޮށް ޤައުމަށް ދެރަވާގޮތަށް ކަންކަން ނުކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމާއި، ދިއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، ދިއްދޫ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމުގެ އިތުރުން އެރަށުގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިއަދު ހެނދުނު ދިއްދޫގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚިޔާލު ތަފާތުވާކަންކަމަށާއި ޚިޔާލު ތަޣައްޔަރުވާ ކަންކަމަށާއި ވަކިވަކި ފަރުދުންނަށް އިސްކަން ނުދެއްވުމަށް އެދިވަޑައިގެންފައެވެ. މިގޮތުން އެއްބައިވަންތަކަން ފެނިގެންދަނީ ފެއްސާ ރަތާއި ހުދު ގުޅުމުންކަމަށާއި ޤައުމުގެ އިސްތިޤްލާލާއި، ސިޔާދަތާއި، މިނިވަންކަމާއި ދައުލަތާއި ޤައުމު ރަމްޒުކޮށްދެނީ ވެސް ފެއްސާ ރަތާއި ހުދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
ޚިޔާލު ތަފާތުވާ ފަރާތްތަކުން ޚިޔާލުތަފާތުވާ ކަންކަމަކީ ކޮބައިކަމާއިމެދު ސުވާލު އުފައްދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރު އޮތްހާ ހިނދަކު ޤާނޫނު ތަންފީޒު ކުރެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގައި ވިދާޅުވެފައެވެ. އެއްވެސް ރަހުމެއްނެތި މީހުންނަށް އަނިޔާދީ މީހުންކަތިލުމާއި ރާއްޖެއަށް ކުރިމަތިވާ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ތާޢީދުކުރާނަމަ މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރުމަކީ ޚިޔާލުތަފާތުވާން ޖެހޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބޮޑެތި ކުށްކުރާ މީހުންނަށް އަދަބު ލިބުމަކީ އެއްވެސް މީހަކު ޚިޔާލުތަފާތުވާން ޖެހޭކަމެއް ނޫންކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ޒުވާންކުދިން މީހުންގެ ހައްޤުތަކަށް އަރައިގަތުމަށް މި ސަރުކާރުން އެއްބާރުލުން ނުދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކުޑަމީހަކު ކުރިއަސް ބޮޑު މީހަކު ކުރިޔަސް ކުށެއް ކޮށްފިނަމަ އެކަމަށް ހައްޤު އަދަބު މިސަރުކާރުގައި ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަކުރުމުގެ ރަސްމިއްޔާތުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ވެސް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
  
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހއ. ކެލައަށް ވަޑައިގެން ކެލާގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާއެއްގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، ހދ. ހަނިމާދޫއަށް ވަޑައިގެން  އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.