ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު ތިލަދުންމަތީ އުތުރުބުރީ ދިއްދުއަށް ވަޑައިގެން އެރަށުގައި ހިންގެވި ހަތަރު މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދިއްދޫއަށް ކުރެއްވި މިޒިޔާރަތުގައި ދިއްދޫގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވައި، އެރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވައި ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ވަނީ ހުޅުއްވައިދެއްވައިފައެވެ. 
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަކުރުމުގެ ރަސްމިއްޔާތުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ވެސް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.  
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހއ. ކެލައަށް ވަޑައިގެން ކެލާގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާއެއްގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، ހދ. ހަނިމާދޫއަށް ވަޑައިގެން  އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.