ވާދަވެރި މާޙައުލެއްގެ ތެރެއިންވެސް ދިވެހި ރާއްޖެއަށް ބޮޑެތި އިންވެސްޓަރުން އަންނަނީ ދިވެހިރާއްޖެއަކީ ވިޔަފާރިއަށް ފަހި މާހައުލެއް ހޯދައިދޭ ސިޔާސަތުތަކެއް ބައްޓަން ކުރެވިފައިވާ ޤައުމަކަށް ވުމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ރާއްޖެއަކީ ބޭރު ޤައުމުތަކާއި އެއްސަފުގައި ފައިހަމަކުރެވޭވަރުގެ ޤާބިލު ޤައުމެއްކަމުގައި ވިދާޅުވިއެވެ.

މިއަދު މެންދުރު ނޮޅިވަރަމުގައި ބޭއްވެވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން އެންމެ އިސްކަންދެއްވައިގެން ކުރައްވާ މަސައްކަތަކީ ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަން ފުއްދަވައިދެއްވުންކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވެފައިހުރި އަސާސީ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި ތަރައްޤީވެގެން ގޮސްފައި ވަނީ މި ސަރުކާރުގައިކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އަޅުގަނޑުމެން ބިނާކުރާ ޤައުމީ ހަރުމުދުލަކީ އޭގެ ފުރިހަމަ މަންފާ އަޅުގަނޑުމެންނަށް ލިބޭ ތަންތަނުގެ ގޮތުގައި ހުރުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާނެ ޝަރަފެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، ހއ. ހޯރަފުއްޓަށް ވަޑައިގެން ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް ފާހަގަކޮށްދެއްވައިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހއ. ދިއްދޫއަށް  ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި، ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހއ. ކެލައަށް ވަޑައިގެން ކެލާގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާއެއް ގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.