ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ދިވެހި ރާއްޖެއަކީ އިސްލާމްދީން މަތީގައި ދެމި އޮންނަ، ދިވެހި ސިފަތަކާއި ރިވެތި އުޞޫލުތަކުގެ މަތީގައި ތަރުބިއްޔަތުކޮށް ތަޙުޒީބާއެކީ ތަރައްޤީ ގެނެސްދޭނެ ވެރިކަމެއް ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިއަދު ހެނދުނު ނޮޅިވަރަމުގައި ބޭއްވެވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންނަށް ސަލާމަތާއި ރައްކާތެރިކަން އޮތީ ދިވެހިން ޤަބޫލުކުރާ އުޞޫލުތަކެއްގެ މަތީގައި ދެމިތިބެގެންކަމަށާއި، ރާއްޖޭގެ ރައްޔިތުން ރާއްޖެއަށް ނޭދޭ ހެވެއް އެދިގެން ބޭރު ޤައުމެއްގެ ބަޔަކު ނާންނާނެކަމަށެވެ. އަދި މިކަމަށް ފުރުޞަތު ނުދިނުމަށް ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވައިފައެވެ.

އެމަނިފާނު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި މި ސަރުކާރުގެ  އަޒުމް ވަރުގަދަވެފައި މިސްރާބު ސީދާކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ލާބަޔަށްކަން ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން އެންމެ އިސްކަންދެއްވައިގެން ކުރައްވާ މަސައްކަތަކީ ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަން ފުއްދަވައިދެއްވައި، ރައްޔިތުންގެ އުންމީދުތައް އާލާކޮށްދެއްވުންކަން ފާހަގަކުރައްވާފައެވެ.

މިގޮތުން، ދިވެހިރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން އާންމުކުރެއްވުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ތިލަދުންމައްޗަށް އަމާޒުކުރައްވައިގެން 3000 އެނދު ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާކަމުގައި ވިދާޅުވެފައެވެ.