އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ ނުރައްކާތަކުން އަރައިގަނެ، އިސްލާމީ އުއްމަތުގެ ކުރިއެރުމާއި ލާބައަށް ނުހަނު މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި، އިސްލާމިކް އިންސްޓިޓިއުޓް ފޯ އިސްލާމިކް ތޯޓްސް ގުޅިގެން އިންތިޒާމްކޮށްގެން ބާއްވަވާ ތިންވަނަ އިސްލާމީ ހޭލުންތެރިކަމުގެ ބައިންލްއަޤްވާމީ މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި އެ ޔުނިވަރސިޓީގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ މަހާސިންތާގެ މައުޟޫކަމަށްވާ "ޞުލްހައާއި، ހަމަޖެހުމާއި، ތަހައްމަލުކުރުން، ދެކެނު އޭޝިޔާގައި ޤާއިމުކުރުމުގައި އިސްލާމީ ފިކުރާއިމ ޡަޤާފަތާއި ޙަޟާރަތުގެ ދައުރު"، މިއީ މުޅި އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ހެދުމައްޓަކައި މަޝްވަރާކުރަން އެންމެ ރަނގަޅު އެއް މައުޟޫޢުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި އަދުގެ ދުނިޔޭގައި ދިމާވާ އެންމެ ނާޒުކު އެއް މައްސަލަޔަކީ ދޭދޭ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ތަހައްމަލުކުރުމުގެ ރިވެތި ސިފަ ނެތުމުގެ ސަބަބުން ދުނިޔޭގައި ޞުލްހަވެރިކަން ގެއްލި ހަމަނުޖެހުން އާންމުވެފައިވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖެ މިހާރު ގުނަމުން މިދަނީ ޒަމާނީ ޑިމޮކްރަސީގެ ދުވަސްތަކެއް ކަމަށްވާއިރު މިއަދު މި ފެށޭ މަހާސިންތާގައި މަޝްވަރާކުރެވޭ މައުޟޫއަކީ ރާއްޖޭގެ މިހާރުގެ ހާލަތާ ވަރަށް ގުޅުން ހުރި މައުޟޫއެއްކަމުގައެވެ. މިގޮތުން، އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ޤާނޫނެއް ބިނާވެފައިވާނީ އިސްލާމީ އުޞޫލުތަކާއި އިސްލާމީ ޝަރީޢަތުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި މިކަން އެންމެންވެސް ހަނދާނުގައި ބަހައްޓަންޖެހޭކަމަށާއި، މިކަމުން ވެސް ދޭހަވަނީ ރާއްޖެއިން އިސްލާމް ދީނަށް އަހައްމިއްޔަތުކަން ދޭ މިންވަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޒިންމާދާރުކަމާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމަށާއި، ޚިޔާލުފާޅުކުރުމުގެ މަޤްޞަދަކީ އިޚްތިރާމްކޮށްގެން ކެތްތެރިކަމާއިއެކު އެކަކު އަނެކަކު ގުޅިގެން އުޅޭ މުޖުތަމަޢެއް ބިނާކުރުންކަން ފާހަގަކުރެއްވިއެވެ.