ވަކި ވަކި ފަރުދުންގެ މަސްލަހަތަށްވުރެ މުޅި ޤައުމުގެ މަސްލަހަތު އިސްކުރަންޖެހޭކަމަށާއި، ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި އެންމެން އެކައްޗެއް ކިޔަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މުލަކަތޮޅު ކޮޅުފުއްޓަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށް މިއަދު ހެނދުނު ކޮޅުފުށީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމެއް ތަރައްޤީ ކުރެވޭނީ އެ ޤައުމުގައި ހަމަޖެހުން އޮވެގެންކަމަށާއި، މިސަރުކާރުން ރާއްޖެއަށް ތަރައްޤީ ގެންނާނީ މުޅި ރާއްޖެއަށް ހަމަޖެހުން ގެނެސްގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އާ މެނިފެސްޓޯގައި ހިމެނޭ ތަރައްޤީގެ އެޖެންޑާއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށްޓަކައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ޓެލެމެޑިސިންގެ ވިއުގައަކުން ގުޅައިލައްވާނެކަމުގައި ވިދާޅުވެފައެވެ.  މީގެ އިތުރުން 65 އަހަރުން މަތީގެ އިސްރަށްވެހިންނަށް މިހާރު ސަރުކާރުން ދެމުންދާ އިނާޔަތް ބޮޑުކުރައްވާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުގައި ވިޔަފާރި ބަނދަރުތަށް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައަކީ ޒުވާނުންކަން ފާހަގަކުރައްވަމުން، ޒުވާނުންނަށް ބޭނުންވާ ގިނަ ކަންތައްތައް މިހާރުވެސް މިސަރުކާރުން ފުއްދަވައިދެއްވަމުންގެންދަވާކަމަށާއި، ފުއްދަވައި ނުދެއްވިހުރި ކަންތައްތައް ކުރިޔަށް އޮތް ތާނގައި ފުއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ޒުވާނުންނަށް އެންމެ ބޭނުންވާ އެއްކަމަކީ ވަޒީފާގެ ފުރުޞަތު ފަހިވެގެން ދިޔުމާއި ބޯހިޔާވަހިކަން ލިބުންކަން ފާހަގަކުރައްވައި، މިކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ ހިޔާ މަޝްރޫޢުގެ އެންމެ ބޮޑު އެއް އަމާޒަކީ އަލަށް ކައިވެނިކުރާ ޒުވާނުންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޚާއްޞަކޮށް ޒުވާނުންނަށް އަމާޒުކޮށްގެން މި ސަރުކާރުން މިހާރުވެސް 76,000 އާ ވަޒީފާގެ ފުރުޞަތު އުފައްދަވައިފައިވާ ކަމަށާއި، މި ދައުރު ނިމުމުގެ ކުރިން މި ޢަދަދު 94,000 އަށް އިތުރުކުރެވޭނެކަން ޔަޤީންކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އެއަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވައިދެއްވައި، އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި މުލަކުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، މުލީ ބިން ހިއްކުމުގެ މަޝްރޫޢު ނިމުންފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.