ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މުލަކަތޮޅު ކޮޅުފުށި ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުފުށީ ބަނދަރު ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު ހެންދުނު އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ކޮޅުފުށީ ބަނދަރަކީ  550  ފޫޓު ދިގު، އަދި  200  ފޫޓު ފުޅާ ބަނދަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ދިއްގަރަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވައިދެއްވައި، އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި މުލަކުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައިދެއްވައި، މުލީ ބިން ހިއްކުމުގެ މަޝްރޫޢު ނިމުންފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.