އަޅުގަނޑުމެންގެ ޚާޖިރީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ކުރިއަށް އޮތް ޖީލާއި ހަމައަށް ކަންކަން ދާންވާއިރަށް ދިވެހިންގެ ސިޔާސީ ކަންކަމުގައާއި ދިވެހިންގެ މަސްލަޙަތު އޮންނަ ކަންކަމުގައި  ބޭރުގެ ފަރާތްތަކުން ގޮތް ނިންމުމުގެ ފުރުޞަތު ނުލިބޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު މުއްޔަށް ވަޑައިގެން އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުން ބޭރުގެ ފަރާތްތަކުގެ ލޯނު އެހީއަށް އެދެނީ ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަށް ހިންގުމަށްކަމަށާއި، ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ލޯނު އެހީ ދިނުމުގައި އެލޯނު އަނބުރާ އަދާކުރުމުގެ ހަކަތަ ސަރުކާރުގެ ކިބައިގައި ހުރިކަން ކަށަވަރުކުރާކަމުގައި ވިދާޅުވިއެވެ. އަދި، މި ކަށަވަރުކަން ދެމެހެއްޓޭނީ ރާއްޖޭގެ އިޤްތިޞާދު ސާބިތުކަންމަތީ ދަމަހައްޓައިގެންކަމަށާއި، މި ސާބިތުކަން އެއްދުވަހަކުން ނުވަތަ ދެދުވަހަކުން ކަށަވަރު ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 މި ސަރުކާރުން ހިންގުމަށް ރާވައިފައިވާ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ރާއްޖޭގެއެކި ހިސާބުތަކުގައި އެއަރޕޯޓްތަކާއި ބަނދަރުތައް ތަރައްޤީކުރައްވާނެކަމަށާއި، ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރު ހަރުފަތަކަށް ކުރިޔަށް ގެންދިޔުމަށްޓަކައި ގިނަގުނަ މަސައްކަތްތައް މިސަރުކާރުން ރާއްވަވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން މިފަހަރުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަކީ މީގެކުރީގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ނޫންކަމަށާއި އެމަނިކުފާނުގެ އަމާޒަކީ މިކަންތައްތައް ދިވެހި ރައްޔިތުންނަށް ފުރިހަމަކޮށްދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރުގައި ވަކި ނިޒާމެއްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އެފަދަ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އެއަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވައިދެއްވައި، އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެއިތުރުން އެއަތޮޅު މުލަކަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތްވެސް އެމަނިކުފާނު ވަނީ ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި މުލަކަތޮޅު ކޮޅުފުށްޓަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.