އަންހެނުންނަށް ފުރުޞަތުތައް ހޯދައިދޭން އިސްވެ މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.  
މުލަކަތޮޅު މުލަކުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްޓަކައި މިއަދު މެންދުރު އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނެހުންނަށް ހާއްސަ އެތައް ކަމެއް ހުންނަކަމަށާއި، ފިރިހެނުން ކޮށްދިނުމަށް ލާޒިމުކަންކަން ވެސް ހުންނަކަމަށެވެ. މިފަދަ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ލޯތްބާއި ކުލުނާއެކު އަންހެނުންނާއި މުއާމަލާތުކުރުން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ހަޔާތުގައި އެންމެ އުފާ ހޯދައިދޭ ބައިވެރިޔަކީ އަންހެނުންކަން ޤަބޫލުކުރަން ޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދެން މިސަރުކާރުން އިސްކަމެއްދެއްވާނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ހިމެނޭ ޒުވާނުންގެ ގިންތިއަށް ކަންތައްތަކެއް ކޮށްދިނުމަށެވެ. އެގޮތުން އެމަނިކުފާނު ބޭނުންފުޅުވަނީ ޒުވާނުންގެ ޖީބުތައް ތަނަވަސްކޮށްދެއްވައި އެކުދިންގެ އާއިލާތަކަށް ބޭނުންވާ ކަންކަން ކޮށްދޭބަޔަކީ ޒުވާނުން ކަމުގައި ހެއްދެވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ފުއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކަމެއްކުރައްވައިގެން އެކަމަކުން ރަނގަޅު ނަތީޖާ ނުލިބޭނެ ކަންކަން މިސަރުކާރުން ނުކުރައްވާކަން ކަށަވަރުކޮށްދެއްވަމުން މި ސަރުކާރުން ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމަށްޓަކައި ނަގާފައިވާ ލޯނުތަށް ދެއްކުމުގެ ޤާބިލުކަން ސަރުކާރަށް ލިބިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މާތް ﷲ ގެ އިރާފުޅާލައިގެން ކުރިއަށް އޮތްދައުރަށް ފުރުޞަތު ލިބިވަޑައިގެންފި ކަމުގައިވާނަމަ ދަރުމަވަންތަ ހޮސްޕިޓަލެކޭ އެއްގޮތަށް އެ ފެންވަރަށް ޚިދުމަތްދޭ އަންހެނުންނާ ކުޑަކުދިންނަށް ޚާއްޞަ ޤައުމީ ހޮސްޕިޓަލެއް ޤާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ދޮށީ އުމުރުގެ ރައްޔިތުންގެ އަގުވަޒަންކުރެއްވުމުގެ ގޮތުން އެބޭފުޅުންނަށް މިހާރު ދެމުންދާ އިނާޔަތް ކުރިއަށް އޮތްތާނގައި ބޮޑުވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިމޮކްރަސީގެ ނިޒާމާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިމޮކްރަސީގެ ނިޒާމު އުފުލަން ވާނީ އެބަޔަކަށް އުފުލޭމިންވަރަކަށްކަމުގައެވެ. އަދި ބޭރު ޤައުމުތަކުގެ ޑިމޮކްރަސީގެ ނިޒާމު ދިވެހިރާއްޖޭގެ ތައްގަނޑަކަށް ނުފެތޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އަބަދުވެސް ސަރުކާރުން ވިސްނުން ގެންގުޅޭނީ ތަރައްޤީއާއިއެކީ ރައްޔިތުންނަށް އުފާ ފާޤަތިކަން ގެނެސްދެވޭނެ ގޮތްތައް ހޯއްދަވައި ދެއްވުމަށްކަމުގައެވެ. އެގޮތުން ރައްޔިތުންނަށް ކުރިމަތިވެފައި ހުރި  ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވާނީ މި ސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އެއަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެއިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެއަތޮޅު މުއްޔަށް ވަޑައިގެން އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށާއި، އެ އަތޮޅު ކޮޅުފުށްޓަށް ޒިޔާރަތް ކުރައްވައި އެރަށު ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.