ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މުލަކަތޮޅު މުލަކުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައިފިއެވެ.
މިއަދު މެންދުރު މުލަކު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން  ހަނދާނީ ބިނާގެ ރެބަން ކަނޑުއްވާ ދެއްވާފައެވެ.   
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އެއަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު އެއަތޮޅު މުއްޔަށް ވަޑައިގެން އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށާއި، އެ އަތޮޅު ކޮޅުފުށްޓަށް ޒިޔާރަތް ކުރައްވައި އެރަށު ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.