މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ، ހިޒް ހައިނަސް ޢަބްދުލްޢަޒީޒް ބިން ސަޢުދު ބިން ނާއިފް ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ އާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަޢޫދީ ވަފްދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވިކަމައްޓަކައި މަރުޙަބާ ވިދާޅުވެފައެވެ. އަދި، ސަޢޫދީ ރަސްގެފާނު ހިޒް މެޖިސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ހެޔޮއެދުންތަށް ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް އަޙުވަންތަ ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމްގެ މައްޗަށްކަމަށާއި، މި ގުޅުން ރަސްމީ ސިފައެއްގައި ޤާއިމުކުރިތާ 40 އަހަރު ފުރެން ކައިރިވެފައިވާއިރު މިހާރު ދެޤައުމުގެ ގުޅުން ވަނީ ކުރިން ނުވާހާ ވަރުގަދަވެފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގައި ވަރަށް ވަރުގަދަ އިޤްތިޞާދީ އެޖެންޑާއެއް ކާމިޔާބުކަމާއެކީ ކުރިޔަށް ގެންދަވާކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ އަށް ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މަޢުލޫމާތު ޙިއްޞާކުރައްވާ، މިކަމުގެ ސަބަބުން ޤައުމު އާރާސްތުކޮށް ހިންގުމުގައި ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ވަނީ ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން  އިސްލާމް ދީނާ ގުޅުންހުރި މުހިންމު މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާއިރު، އިސްލާމް ދީނަކީ ޞުލްޙައަށް ލޯބިކުރާ،  އެއްބަޔަކު އަނެއް ބަޔަކާ ގުޅޭ، އެކުވެރިކަމާއިއެކުގައި އުޅޭ ބައެއްކަން ހާމަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، ދުނިޔެއިން ޓެރަރިޒަމް ނައްތާލުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން ވާހަކަފުޅުކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވީތީ، އިސްލާމީ އުއްމަތް ކުރިއެރުވުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަ ޤައުމަކީ ސަޢޫދީ ޢަރަބިއްޔާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއަކީ ސަޢުދީ ޢަރަބިއްޔާގެ ގާތް އެކުވެރިއެއްކަމަށާއި، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށާއި މިހާރު އޮތް އަޙުވަންތަ ގުޅުން ކުރިޔަށް އޮތްތާގައި އިތުރަށް ވަރުގަދަކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ސަޢޫދީ ޢަރަބިއްޔާއިން އަބަދުވެސް އެހީތެރިވެ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވި ދިވެހި އިސް ބޭފުޅުންގެ ވަފްދުގައި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސް ވެރިން ހިމެނެއެވެ.