ދިވެހިން ކުރިޔަށް ދާން ބޭނުންވާ މަގު އިޚުތިޔާރުކޮށް، ދިވެހިރާއްޖޭގެ އުޞޫލުތަކުގެ މައްޗަށް ބަސްކިޔާނީ ދިވެހިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ނަރުދަމާގެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ނިންމުމުގައި ބޭރުގެ ނުފޫޒު މި ސަރުކާރުން ބޭނުން ނުވާކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅިވުގޮތުގައި  ދިވެހިރާއްޖެއަށް އެކި ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރުވަނީ ރާއްޖޭގައި ޑިމޮކްރެސީގެ ވަކި އުޞޫލުތަކެއް ގެންގުޅޭތީކަމަށާއި، ދީނީ މިނިވަންކަން މިސަރުކާރުން ދޭން ބޭނުން ނުވާތީކަމުގައެވެ. މިގޮތުން، މި ސަރުކާރުން ކަންކަންކުރަނީ ޑިމޮކްރެސީގެ ހަމަތަކާއި ޚިލާފަށް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރަން މި ސަރުކާރުން ދޫނުކުރާތީކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީގެ ބައެއް ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން އިސްލާމް ދީން ނޫން އެހެން ދީނަކަށް އުޅުމުގެ ޖާގަ އެއްވެސް ވަރަކަށް ނުދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. 

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ހިންގަމުންދާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، މީގެ ކުރިން ނުވާނެކަމަށް ބުނެފައިވާ ބްރިޖް އެޅުން ފަދަ ބޮޑެތި މަޝްރޫޢުތަށް މިސަރުކާރުން ކާމިޔާބު ކަމާއެކު ހިންގަމުންދާކަމައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ހެނދުނު ވަނީ އެއަތޮޅު ބިލެތްފައްސަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކަނޑިތީމުގެ ބަނދަރު ހުޅުއްވައިދެއްވާ، އެ އަތޮޅު ފޮނަދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތުގެ ނިންމުން ފާހަގަކޮށްދެއްވައި، ރަންވޭ އެޅުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.