ސްވިޑަން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ކްލަސް މޮލިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ސްވިޑަންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ސްވިޑަންގެ ރަސްގެފާނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ސްވިޑަންއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ސްވިޑަންއިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާކަން އެޤައުމުގެ ސަފީރު ފާޅުކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެ ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަކީ އިންވެސްޓްކުރަން ރަނގަޅު ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ.

ސްވިޑަންގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްވިޑަންއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއާއި، އީކޯ ޓޫރިޒަމާއި، ވިޔާފާރީއާއިގުޅޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ކުދި ޤައުމުތަކުގެ ދިފާއުގައި ދިވެހިރާއްޖެއިން އިސްނަގައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ނާޒިމް އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.