އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސެލެންސީ ބްރިގިޓް އޮޕިންގަރ ވަލްޝޮޕަރ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އޮސްޓްރިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި، އޮސްޓްރިއާއާ ދެޤައުމުގެ ދެމެދުގައި 40 އަހަރަށްވުރެ ދިގު ޚާރިޖީ ގުޅުމެއް އޮތްކަން ފާހަގަކުރައްވާ، ކުރިއަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. މިބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރެއްވުމާ ގުޅޭގޮތުންނާއި، ތިމާވެށި ރައްކާތެރިކުރުމާބޭހޭ ގޮތުންނާއި، ބައިނަލްއަޤުވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރެއްވިދާނެ ކަންކަމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

 މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.