މި ސަރުކާރުން މަސައްކަތްކުރަނީ އެއްވެސް ބަޔަކު ބާކީނުކޮށް، މުޅި ރާއްޖެއަށް އަންނަ ތަރައްޤީގައި އެންމެންވެސް ހިމެނޭ ގޮތަށް ތަރައްޤީ ގެނައުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލެއަތޮޅު ތުލުސްދޫގެ ބަނދަރު ހުޅުއްވައިދެއްވުމަށް މިއަދު ހެނދުނު ތުލުސްދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.  
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ކަންކަން ނިންމުމުގައި ޒުވާނުންނަކީ މުހިންމު ބައެއްކަން ފާހަގަކުރައްވާ ރާއްޖޭގެ ހާލަތު ބަދަލުވެ ރާއްޖެއަށް އަންނަމުންދާ ތަރައްޤީއަކީ ގަދައަޅާ މަސައްކަތްކުރުމުގެ ނަތީޖާކަން ޒުވާނުންނަށް އެނގެންޖެހޭކަމުގައި ވިދާޅުވެ، މިކަމުން އިބްރަތް ހާޞިލްކުރުމަށް ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން، ދިވެހިންގެ އުންމީދުތައް އާވެފައިވަނީ ފާއިތުވެދިޔަ 4 އަހަރުގެ ކުރު މުއްދަތުގެ ތެރޭގައި މީގެ ކުރިން ނުވެފައި ހުރި އެތައް ކަމެއް މި ސަރުކާރުން ކޮށްދީފައިވާކަން ރައްޔިތުންނަށް ޤަބޫލުކުރެވޭތީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ކުރިޔަށް އޮތްތާނގައިވެސް ރައްޔިތުންނަށް ބޭނުންވެފައި ހުރި ހުރިހާކަމެއް ކޮށްދެއްވޭތޯ ގަދައަޅާ މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ނިސްބަތްވަނީ ހަމައެކަނި ވަކި ޞަރަޙައްދަކަށް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތު އިސްކޮށް، ހަމަޖެހުމަށް ލޯބިކޮށްގެން ކުރިޔަށް ދިޔުމުގެ ރޫޙާއި އެކީ މަސައްކަތްކުރުމަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ. 
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ އަތޮޅުގެ 3 ރަށަކަށް މިއަދު ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ތުލުސްދޫ ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން މާފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ގުރައިދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.