ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، "ރަސްރަނި ވިންޓަރ ޕާކް" މިރޭ ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން "ރަސްރަނި ވިންޓަރ ޕާކް" ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ ރަސްރަނި ބަގީޗާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

"ރަސްރަނި ވިންޓަރ ޕާކް" ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ވަނީ މިޕާކް ބައްލަވާލައްވާފައެވެ. މިރަސްމިއްޔާތުގައި ވިންޓަރ ޕާކް ތެރޭގައި އައިސް ސްކޭޓިންގއާއި، ސްނޯގެ އެކިއެކި ޙަރަކާތްތައް ދައްކާލާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްރަނި ވިންޓަރ ޕާކަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ވިންޓަރ ތީމްއަކަށް ހަދާފައިވާ މިފަދަ ފުރަތަމަ ޕާކެވެ. މި ޕާކު ފަރުމާ ކޮށްފައިވަނީގައި އޮލިމްޕިކް ފެންވަރުގެ އައިސް ސްކޭޓްކުރާ ރިންކަކާއި، ސްނޯ ސްލައިޑްއެއް ހިމެނޭ ގޮތަށެވެ. މިޕާކް ފަރުމާ ކުރުމުގައި ޔޫރަޕްގެ ތަޖުރިބާކާރުން ޝާމިލްވެފައިވެއެވެ.