ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްޤީ ކުރުމަށް ހޮލިޑޭ އިން ރިސޯޓްގެ ފަރާތުން ދެއްވި ފައިސާގެ އެހީއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ހަވާލުވެވަޑައިގެންފިއެވެ. ހޮލިޑޭ އިން ރިސޯޓްގެ ސީއެސްއާރު ޕްރޮޖެކްޓްސްގެ ދަށުން ދެއްވި މި ފައިސާގެ އެހީއާ އެމަނިކުފާނު ހަވާލުވެވަޑައިގަތީ ކ. ގުރައިދޫ ސްކޫލްގައި މިރޭ ބޭއްވެވި ޙަފްލާއެއްގައެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިގޮތުގައި ރައީސް ޔާމީނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޗެމްޕިއަންކަމަށާއި، މީގެ ކުރިން އެމީހުންނަށް ނުދެވޭ އަހަންމިއްޔަތުކަން މިސަރުކާރުން އެފަރާތްތަކަށް ދެމުންދާކަން ފާހަގަކުރެއްވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ހޮލިޑޭ އިން ރިސޯޓްގެ ޖެނެރަލް މެނޭޖަރ ޖޯސެފް ޑެލާ ގައްޓާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.