"އައްނޫރުލް މުބީން" ގެ ނަމުގައި ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމުދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވެވި ޖަލްސާގައި މުބާރާތުން ވަނަ ވަނައަށް އައި ފަރާތްތަކަށް ހަނދާނީ ފިލައާއި، ސެޓްފިކެޓާއި، އިނާމު ދެއްވާފައިވެއެވެ. މުޅި މުބާރާތުން 1 ވަނައަށް ހޮވިފައިވާ ޢަބްދުﷲ މުޙައްމަދު ކާޘިމް މުޙައްމަދު ކާޘިމް އަލް ޚައްޔާތަށް އިނާމާއި ތައްޓާއި، ސެޓްފިކެޓް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މީގެއިތުރުން މިރޭގެ ޖަލްސާގައި ރަމަޟާންމަސް އިޙްޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދަވާ ދަރުސް ދެއްވުންވެސް އޮތެވެ. މިރޭގެ ދަރުސް ދެއްވީ މުފްތީ އިސްމާޢީލް މެންކްއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަށް ބޭއްވި "އައްނޫރުލް މުބީން" ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި، އިސްލާމިކް މިނިސްޓްރީއާއި، ޕަބްލިކް ސާރވިސް މީޑިއާ ގުޅިގެންނެވެ.

ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ސޫދާނާއި، ތުރުކީއާއި، ސަޢުދީ ޢަރަބިއްޔާއާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ކުވެއިތާއި، މިޞްރާއި، ބަންގްލަދޭޝް ހިމެނެއެވެ. މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ސޫދާނާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ޔަމަނާއި ރާއްޖޭގެ ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ 5 ބޭފުޅުންގެ ޕެނަލެކެވެ.