އެކި ގޮތްގޮތުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުސްވި އަހަރު އުފެއްދެވި ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުގެ މުއްދަތު އިތުރުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމުގައި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ ރިޔާސަތު ބަލަހައްޓަވާ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަޒްލީން މިހެން ވިދާޅުވީ ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މަސައްކަތްތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު އެކަމާބެހޭ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުގެ އެންމެ ބޮޑު މަޤުސަދަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ މައްސަލަތައް ދިރާސާކޮށް، އެފަދަ މައްސަލަތައް ހުއްޓިފައި ހުރި ސަބަބުތައް ދެނެގަނެ އެމައްސަލަތަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅު އަޅައި އެފައިސާ ހޯދުމަށްޓަކައި މަސައްކަތް ކުރުންކަމުގައި މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ. އަދި މިފައިސާ ހޯދުމަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދަންޖެހޭނަމަ އެކަން ކުރައްވާނެކަމަށްވެސް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.
އަޒްލީންގެ ވާހަކަފުޅުގައި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބައްލަވަމުން ގެންދަވާ މައްސަލަތަކާއި، ބައްލަވައި ނިންމަވާފައިވާ މައްސަލަތަކަށް ބަލާއިރު، ދައުލަތަށް ގެއްލިފައިވާ ޖުމްލަ ޢަދަދު 29.7 ބިލިޔަން ރުފިޔާއަށް އަރާކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ މި ފައިސާ ރައްޔިތުންނަށް ހޯއްދަވައިދެއްވުން ކަމުގައިވެސް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދު ވިދާޅުވިއެވެ.
ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަކީ، އޮޑިޓަރ ޖެނެރަލް އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ދައުލަތަށް ފައިސާ ލިބެންޖެހޭކަމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯއްދެވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 5/2017 ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނެކެވެ.