ނޭޕާލްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ހިޒް އެކްސަލަންސީ މިސްޓަރ ނިރްވާނާ ޗައުދަރީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއާއި ނޭޕާލާ ދެމެދުގައިވާ އެކުވެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، 25 އެޕްރީލް 2015 ވަނަ އަހަރު ނޭޕާލަށް އައި ބިންހެލުމުގައި ނޭޕާލްގައި ދިރުއުޅޭ ދިވެހިންނަށް އޮނަރަރީ ކޮންސުލް ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އޮނަރަރީ ކޮންސުލް ވަނީ ރާއްޖެއަށް ޚިދުމަތްކުރެއްވުމަށް ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ދެ ޤައުމުން ޝައުޤުވެރިވާ ކަންތައްތަކާއި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވިދާނެ ބައެއް ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި، ތަޢުލީމީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ވައިގެ މަގުން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހިމް ޙުސައިން ޝިހާބާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ އައިމިނަތު ޝަބީނާ ބައިވެރިވެވަޑައިގެންނެވިއެވެ.