ފުލުހުންގެ ޚިދުމަތަކީ މަތިވެރި، ޝަރަފުވެރި، ބޮޑު އަމާނާތެއް އެކުލެވިގެންވާ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފުލުހުން ކުރައްވާ އަގުހުރި މަސައްކަތްތައް ފާހަކުރައްވައި، ފުލުހުންގެ ޚިދުމަތަށްޓަކައި ޝުކުރު އަދާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ މި ޚިދުމަތަކީ ކޮންމެ ފަހަރަކު ތައުރީފު ލިބޭނެ ޚިދުމަތެއްކަމަށް ދުށުން މިއަދު ހުއްޓާލަންޖެހޭކަމަށެވެ. އަދި، ފުލުހުންގެ މަސައްކަތަކީ އޭގެ މުޤާބިލުގައި ތަޢުރީފު ޙައްޤު ނުވިނަމަވެސް، އެއަށްވުރެ ވަރުގަދަ މަސްއޫލިއްޔަތަކާއި ވާޖިބެއް އަދާކުރަން މާތް ﷲ ގަންދީ ހުވާކޮށްގެންތިބި ބައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދިގެން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ފުލުހުން އުފެދިގެން އައީ ހަމަނުޖެހުންތަކެއްގެ ތެރެއިން، އެކަންކަމަށް ހައްލެއް ހޯދައިދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ފުލުހުން އުފެދިގެން އައި ދުވަސްވަރާއި މިއަދާ އަޅައިބަލާއިރު ފުލުހުން އުފެދިގެން އައި ހާލަތަށް ކުރިއެރުމެއް އައިސްފައިވޭތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަދު ފުލުހަކު ކުރާ ޤާނޫނާ ޚިލާފު ކަމަކުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމުވެ ލައްގަނޑެއް ޖެހިދާނެކަމުގައި ވިދާޅުވެ އެކަންކަމަށް ސަމާލުވުމަށް ހުރިހާ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ފުލުހުން މެދުވެރިކޮށް ސިޔާސީ ފަރާތްތަކުން ކުރަން ޚިޔާލުކުރާ ކަންތައްތަކަށް ޖާގަ ނުދީ، ހަރުދަނާކަމާއެކު ސާބިތުކަންމަތީ ފުލުހުން ތިބުމަށް އެމަނިކުފާނު ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރީތި ނަން ހޯދާދީފައިވާ ފަރާތަކަށާއި، 25 އަހަރަށްވުރެ ދިގު މުއްދަތަށް އެ މުއައްސަސާއަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވިއެވެ.