މޮރޮކޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ މުޙައްމަދު މާލިކީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، މޮރޮކޯގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި މޮރޮކޯގެ ސަފީރުވަނީ ދެޤައުމުގެ ދޭދޭ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަށްޗަށާއި، އިތުރު ރޮނގުތަކުން ދެ ޤައުމުގެ ގުޅުން ވަރުގަދަކުރެވޭނެ ގޮތްތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން ދެޤައުމުގައި ހުރި އެއްގޮތް މައްސަލަތަކާއި އަދި ޚާއްޞަ ގޮތެއްގައި ބައިނަލްއަޤުވާމީ ރޮނގުން ފާހަގަކޮށްލެވޭ މިފަދަ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅު ދައްކަވަމުން ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރިވުމުގެ ޙައްޤު ކުދި ޤައުމު ތަކަށްވެސް އެއްހަމައެއްގައި ލިބިދޭންޖެހޭނެކަން ފާހަގަކުރައްވަމުން މުސްލިމު އުންމަތަށް ކުރިމަތިވާ ކަންކަމުގައި އެއްބައިވަންތަކަމާއެކު ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޮރޮކޯގެ ސަފީރުވަނީ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށާއި ވިދާޅުވި ހޫނު މަރްޙަބާއަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މޮރޮކޯގެ ސަފީރުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި، އިސްލާމް ދީނާ ގުޅުންހުރި އެކިދާއިރާތަކުން މަތީ ތަޢުލީމުގެ، ސްކޮލަރޝިޕްގެ ފުރުޞަތު ތަކާއި ގޮތްތަކެއް ހަމަޖެއްސުމާމެދު ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.