ޖޯޖިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އާޗިލް ޑިއުލިއާޝްވިލި، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޖޯޖިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ޖޯޖިއާއިން ދިވެހިރާއްޖެއަށް ސަފީރަކު ޢައްޔަން ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި، އާ ސަފީރުގެ ސަފީރު ކަމުގައި ރާއްޖެއާއި ޖޯޖިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ޖޯޖިއާ ފަދަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ބައިނަލްއަޤުވާމީ ފެންވަރުގައި ޙިއްޞާ ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
ޖޯޖިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޖޯޖިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ނޮން–ރެޒިޑެންޓް ސަފީރުގެ ގޮތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، އެމަނިކުފާނުގެ ސަފީރުކަމުގައި ރާއްޖެއާއި ޖޯޖިއާއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ނާޒިމް އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.