ސަރބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ވްލަޑިމިއަރ މާރިކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ސަރބިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ސަރބިއާގެ އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފައިދާކުރަނިވި ގޮތުގެމަތީން، ގުޅިގެން ގާތުން މަސައްކަތްކުރައްވާނެކަމަށް އުއްމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ސަރބިއާގެ ސަފީރު ވަނީ އެޤައުމުގެ ރައީސާއި، ބޮޑުވަޒީރުގެ ހެޔޮއެދުމާއި ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައްދުކުރައްވާފައެވެ.

ސަރބިއާގެ ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ސަރބިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެ، ކުރިއަށްއޮތްތާނގައި އިތުރު ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ޚާއްޞަކޮށް ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިންނާއި، ތަޢުލީމީ ދައިރާއިންނާއި، ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ސަރބިއާގެ ސަފީރު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖެއަށް ކުރިމަތިވާ ކަންތައްތަކުގައި އެހީވުމަށް އެޤައުމު އޮތީ ތައްޔާރަށްކަން ސަރބިއާގެ ސަފީރު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.