މަޤާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ދިވެހި ދައުލަތް ނުރައްކާތެރި ޙާލަތަކަށް ހުށަހަޅާ މީހުންނަކީ ޤައުމަށް ޣައްދާރުވާ މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން 'ސަލާމަތީ ބާރުތަކާއެކު ރައްޔިތުން' ނަމުގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޤައުމު ނުރައްކާތެރި ހާލަތަކަށް ހުށަހެޅޭ ވަގުތުގައި ޤައުމަށް އެންމެ އިޚްލާސްތެރިވާނީ ކާކުތޯ ރައްޔިތުންނާ ސުވާލުކުރައްވައި، އެއީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހެއްކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޤައުމަށް ގެއްލުމެއްވާން ރައީސުލްޖުމްހޫރިއްޔާ ބޭނުންނުވާނެކަމަށާއި، ޤައުމަށް އިޚްލާސްތެރިވުމަކީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަމާނާތެއް، މަސްއޫލިއްޔަތެއް އަދި ވާޖިބެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް އެންމެ މުހިންމު އެއްޗެއްގެ ގޮތުގައި ބަލަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށްކަން ފާހަގަ ކުރައްވަމުން، މި ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ބާރުތަކެއް ދީފައިވާކަން ބަޔާންކުރެއްވިއެވެ. މިގޮތުން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮތީ ރައީސުލްޖުމްހޫރިއްޔާއަށްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.