ސަރުކާރުގެ އަމާޒަކީ، ޤައުމީ ތަރައްޤީ ވަޒަންކުރާ މިންގަނޑަކީ، ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުންކަން ގަބޫލުކޮށްގެން، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް މަސައްކަތް ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކުގެ ތެރެއިން، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިއަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވައި ދެއްވަމުންނެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ވޭތުވެދިޔަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމު ކުރިއަށް ގެންދިޔުމަށާއި، ރައްޔިތުންނަށް ބުރައާއި ތަކުލީފު އުފުލަންޖެހިފައިވާ ކަންކަމަށް ލުއި ހޯދައިދީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ އަހަރަކީ، ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ނިންމުނު އަހަރެއްކަން ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ކުށުގެ ހާދިސާތައް މިދިޔަ 4 އަހަރުދުވަހުގެ ތެރޭގައި 35 އިންސައްތައަށް ދަށްކުރެވިފައިވާކަން ފާހަގަކުރެއްވެވިއެވެ. އަދި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ހިޔާ މަޝްރޫޢުގެ ދަށުން 2019 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އާބާދީގެ ޖުމުލަ 160,000 އަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިވެގެންދާނެކަމުގައި އެމަނިކުފާޅު ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތްތަކުގެ މަށްޗަށް އަލިއަޅުއްވާ ލައްވަމުން، ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭ 25 ބުރީގެ ޢިމާރާތާއެކު، ”ދަރުމަވަންތަ ހޮސްޕިޓަލް“ ގައި ގިނަ އާ ޚިދުމަތްތަކެއް ތަޢާރަފުކުރެވި، މި އަހަރުގެ ތެރޭގައި އެޚިދުމަތްތައް ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންދިރާ ގާނދީ މެމޮރިއަލް ހޮސްޕިޓަލްގެ އެނދުގެ އަދަދު އިތުރުވެ 500 އެނދަށް ބަދަލުވެގެން ދާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ އެކިއެކި މަސައްކަތް އިތުރުވެ ފުޅާވުމާއެކު، ޖުމުލަ 76,000 ހަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަން ފާހަގަކުރެއްވެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާއިން ކުރަމުންގެންދާ މުހިންމު ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސްޕޯޓްސް އެރީނާތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާކަން ފާހަގަކުރެއްވިއެވެ.

ރިޔާސީ ބަޔާން ނިންމަވާލައްވަމުން، ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތަކުގެ ތެރޭގައި ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް، ދައުލަތުގެ ފުދުންތެރިކަން އިތުރުކުރުން ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެއެވެ. މީގެއިތުރުން ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދީގެން، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން މަސައްކަތްކުރުމާއި ތަރައްޤީގެ ހަރުފަތުގައި، މަތީ މެދުފަންތީގެ ޤައުމަކަށް ރާއްޖެ ހެއްދުމަކީވެސް ސަރުކާރުގެ އަމާޒެއްކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.