"ނެޝަނަލް ސްޓްރެޓެޖިކް ޕްލޭން ޓު އެންޑް ޓީ.ބީ އިން މޯލްޑިވްސް"، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ދިވެހި ރާއްޖެއިން ޓީ.ބީ ނައްތާލުމަށް އެކުލަވާލާފައިވާ މިޕްލޭން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ޓީ.ބީ ގެ ޙާލަތު އޮތް ގޮތާއި ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ވެސް ހުށަހަޅައިދީފައި ވެއެވެ. މިވީޑިއޯގައި 1960 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޓީބީއާ ދެކޮޅަށް ޞިއްޙީ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

"ނެޝަނަލް ސްޓްރެޓެޖިކް ޕްލޭން ޓު އެންޑް ޓީ.ބީ އިން މޯލްޑިވްސް" އެކުލަވާލާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެހީއާއެކު، ކަމާގުޅޭ މާހިރުންގެ އިރުޝާދުގެ މަތިންނެވެ. އަދި މި ޕްލޭން ފައިނަލްކުރުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ފަރާތްތަކާއި، ކަމާގުޅޭ އެހެނިހެން މުއައްސަސާތަކާއި، ޖަމުޢިއްޔާތަކުގެ ލަފާވެސް ހޯދާފައިވެއެވެ. މި ޕްލޭންގެ ދަށުން ރާއްޖެއިން ޓީ.ބީ ނައްތާލުމަށް 5 އހަރު ދުވަހުގެ ޤައުމީ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، ޑޮކްޓަރ އަރުވިންދު މާތުރުގެ އިތުރުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.