"އަނާ ލިންދް ޕްރައިޒް 2009" ރައީސް މުޙަންމަދު ނަޝީދަށް އެރުވުމަށް އަނާ ލިންދް މެމޯރިއަލް ފަންޑުން ހަމަޖައްސަވައި އެކަން މިއަދު އިޢްލާން ކުރައްވައިފިއެވެ. މިކަން އިޢްލާންކުރެއްވުމުގެ ގޮތުން އެ ފަންޑުން ނެރުއްވި ނޫސްބަޔާނުގައި، ރައީސް ނަޝީދަށް މި އިނާމު ދެއްވުމަށް ނިންމެވީ، ތިމާވެށްޓާބެހޭގޮތުން ކުރެވޭ ބަހުސްތަކުގައި އިންސާނީ ޙައްޤުތައް ހިމެނުއްވުމަށާއި، އަމާންކަމާއި އޮމާންކަމާއެކު ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނެސްދެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

އަނާ ލިންދް މެމޯރިއަލް ފަންޑަކީ، 2003 ވަނަ އަހަރު އަވަހާރަކޮށްލި ސްވިޑްންގެ އޭރުގެ ޚާރިޖީ ވަޒީރު އަނާ ލިންދްގެ ހަނދާނުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ފަރާތުންދަނީ ހަމަހަމަކަމާއި ސުލްހައަށް މަސައްކަތްކުރައްވާ ފަރާތްތަކަށް 2004ވަނަ އަހަރުން ފެށިގެން ކޮންމެއަހަރަކު އަނާ ލިންދް ޕްރައިޒްގެ ނަމުގައި އިނާމު ދެއްވަމުންނެވެ. މި އިނާމު، ރައީސް މުޙަންމަދު ނަޝީދާ ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ، އަންނަ ޖޫން މަހުގެ 16ވަނަ ދުވަހު ސްވިޑްންގެ ސްޓޮކްހޯމްގައެވެ.

މޫސުމަށް އަންނަ ބަދަލުތަކާމެދު ވިސްނައި ގޮތެއް ނިންމަން ދުނިޔެއަށް މަޖުބޫރުވެފައިވާ ދުވަސްވަރެއްގައި، ރައީސް ނަޝީދު މި އިނާމު ގަބޫލުފުޅުކުރެއްވިކަމީ، ލިބުނު ވަރަށްބޮޑު އުފަލެއްކަމުގައި އަނާ ލިންދް މެމޯރިއަލް ފަންޑްގެ ޗެއަރމަން ޖެން އިލިއަސަން ވިދާޅުވެފައިވެއެވެ. އަދި، ރާއްޖެއަށް މިގެނެވުނު ޑިމޮކްރަސީގެ ނިޒާމް، އަމާންކަމާއި އޮމާންކަމާއެކު ގެންނެވުމަށް ކުރައްވާފައިވާ ގިނަގުނަ މަސައްކަތްޕުޅުތައްވެސް މިނޫސްބަޔާނުގައިވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

މި އިނާމު ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވައި އެފައުންޑޭޝަނަށް ފޮނުއްވި ސިޓީފުޅުގައި، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް ރާއްޖޭގައި އަށަގެންފައިމިވަނީ، އާންމު ރައްޔިތުންގެ މެދުގައި އުފެދުނު ޑިމޮކްރެޓިކް ހަރަކާތެއްގެ ތެރެއިން ކަމުގައި ވިދާޅުވެފައިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި އެކަމުގެ ސަބަބުން އިންސާނީ ޙައްޤުތައް ދެމެހެއްޓުމަށް ދިމާވާ ދަތިތައް ހަމަ މިއުސޫލުން ޙައްލުކުރެއްވުމަށް އާންމު ރައްޔިތުންގެ ހިއްސާއާއި ބައިވެރިވުމުގެ މައްޗަށް ބާރުއަޅުއްވަމުން ގެންދަވާ ކަމުގައިވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.