ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމްގައި ދަނޑުވެރިކަމުގެ މަދަރުސާއެއް ޤާއިމު ކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ނޮޅިވަރަމަށް ވަޑައިގެން، ނޮޅިވަރަމް ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މި މަދަރުސާ ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައިވެސް ވިދާޅުވިއެވެ. ނޮޅިވަރަމަކީ ދަނޑުވެރި ރަށަކަށްވުމާއެކު، މުޅި ސަރަޙައްދަށް ދަނޑުވެރިކަމުގެ ފައިދާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަކީ، ސަރުކާރުގެ އަމާޒުކަން ބަޔާންކުރައްވަމުން، ނޮޅިވަރަމްގެ ދަނޑުތަކުން ކަނޑާ ގޮވާން، މުޅި އަތޮޅަށް ވިއްކާލެވޭނެ ފުރްޞަތު، އަންނަ އަހަރު ހޯއްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ނޮޅިވަރަމްގައި އެސް.ޓީ.އޯ.ގެ ފިހާރައެއް ހުޅުއްވަން ބޭނުންފުޅުވާ ކަމަށާއި، ރައްޔިތުންނާ މަޝްވަރާ ކުރައްވާފައި، ރައްޔިތުންނަށް ފެންނަނަމަ، އެ ފިހާރަ ޤާއިމުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ނޮޅިވަރަމުން ރައީސް ނަޝީދު ވަޑައިގަތީ ނޭކުރެންދުއަށެވެ. ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދަނޑުވެރި ރަށެއްގެ ގޮތުގައި އެރަށް ތަރައްޤީ ކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން މި އުންމީދުކުރާ ތަރައްޤީ، އުންމީދުކުރާ އަނެއް ދިވެހިރާއްޖެ ހޯދޭނީ، ދުރަށް ވިސްނައިގެން ކަންތައްތައް ކޮށްގެން ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ނޮޅިވަރަމްގަޔާއި ނޭކުރެންދޫގައި މިދެއްކި ވާހަކަފުޅުގައި، އެމް.ޑީ.ޕީ.ގެ ސިޔާސަތު ތަންފީޒުވެގެންދާއިރު، އެދެރަށަށްވާނެގޮތް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި ޤައުމެއްގެ ސިފައިގައި ތަރައްޤީވާނީ މައިގަނޑު އަސާސްތައް ފުރިހަމަވީމާ ކަމަށާއި، މިގޮތުން ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދްމަތް ރައްޔިތުންނަށް ފޯރުއްވައިދެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްޞީލު، މި ދެރަށުގެ ރައްޔިތުންނަށް ދެއްވިއެވެ.