ތިލަދުންމަތީ އުތުރުބުރީ އަތޮޅު ތަޢްލީމީ މަރްކަޒުގެ ރިހި ޔޫބީލް ޙަރަކާތްތައް، ރައީސް މުޙަންމަދު ނަޝީދު މިރޭ އިފްތިތާޙުކޮށްދެއްވައި، ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މިކަމަށްޓަކައި މިރޭ 6.30 ގައި އަތޮޅު ތަޢްލީމީ މަރްކަޒުގައި ބޭއްވެވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އެސްކޫލަށް އިތުރު ޚަރަދު ކުރެއްވުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވިއެވެ. ޚަރަދުކުރެވޭ ކަންތައްތަކުގެ ތަފްޞީލު، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެމަރްކަޒަށް ފޮނުއްވާނެ ކަމަށާއި، އެމަރްކަޒު އެއްދަންފަޅިއަކަށް ހެދުމުގެ ހުރިހާ ޚަރަދެއް، އޭގައި ހިމެނިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި އަތޮޅު ތަޢްލީމީ މަރްކަޒުގެ ހޯލް ބޮޑުކޮށްދެއްވުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަން ހާމަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ދިއްދޫ ބިން ބޮޑުކުރުމުގެ މަޝްރޫޢެއްގައި ޑެންމާކްގެ ބޮސްކާލިސް ކުންފުންޏާއެކު، މިމަހުގެ ތިންވަނަ ދުވަހު ސަރުކާރުން ސޮއިކުރައްވައިފިކަންވެސް ހާމަކުރެއްވިއެވެ. އަދި ދިއްދޫގައި ސަތޭކަ ގެ ޢިމާރާތް ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުވެސް އެކީގައި ނިންމަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ޤައުމެއް ތަރައްޤީވެދާނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކިގޮތަކަށް ކުރެވުނީމާ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން ވެވަޑައިގެންފައިވާ ފަސް ވަޢުދަކީ، އެކަންތައްތައް ހިމެނިފައިވާ ފަސް ވަޢުދު ކަމުގައި ވިދާޅުވިއެވެ.