ރައީސް މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހަވީރު އިހަވަންދުއަށް އެމަނިކުފާނު ވަޑައިގެން، އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އިހަވަންދޫގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވުމަށް ނިންމަވާފައިވާ ކަންތައްތަކުގެ މަޢްލޫމާތު ރައްޔިތުންނަށް ދެއްވިއެވެ.

މިގޮތުން މިއަހަރުގެ ތެރޭގައި، އިހަވަންދޫ ބަނދަރު ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އިހަވަންދޫގައި މަސް ބަންދުކުރަން ފެށުން އެއީ އަމާޒެއް ކަމަށާއި، ބޭރު ބަޔަކާ ސަރުކާރާ ޙިއްޞާވެގެން އިހަވަންދޫގައި މަސް ބަންދުކުރާ ފެކްޓްރީއެއް ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި ބަޖެޓުގައި ހިމަނާފައިވާ އިހަވަންދޫ މަދަރުސާގެ ހަކްލާސްރޫމްގެ އިތުރުން، އެ މަދަރުސާއަކީ އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާއަކަށް ހެދުމަށްޓަކައި އިތުރު ކުރަންޖެހޭ ކްލާސްރޫމްތަކުގެ މަސައްކަތަށް އެޑިޔުކޭޝަން މިނިސްޓްރީއިން މަގުފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އިހަވަންދޫގައި މަތީ ތަޢްލީމުދެވޭ މަދަރުސާއެއް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އެކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތް، ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. ދިގުމުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އިހަވަންދޫގައި 100 ގެ އަޅުއްވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ފަރާތުން ނެރުއްވާ މަޖައްލާ، ”އަރާބާރު“ މި ޖަލްސާގައި ރައީސް ނަޝީދު ނެރުއްވައިދެއްވިއެވެ.