މިއަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި މަދުވެގެން ހަތްދިހަފަސް ކިލޯ މީޓަރުގެ ތާރު މަގު އަޅުއްވަން ބޭނުންފުޅުވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ހޯރަފުށްޓަށް ވަޑައިގެން، ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިމަސައްކަތް ކުރައްވާއިރު ހޯރަފުށީ ވަށާ މަގުގައި ތާރު ނާޅުއްވައި ދޫކޮށްނުލައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ހޯރަފުށީ ރައްޔިތުން އުންމީދު ކުރައްވާ ހޯރަފުށްޓަށް އެރަށް ބަދަލުކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ކަންތައްތައް މިކުރައްވަމުން ގެންދަވަނީ ވަކި ތަރުތީބަކުން ކަމަށާއި، އެ ތަރުތީބުން ނުކުރައްވާނަމަ، މި ސަރުކާރަށްވެސް ޖެހޭނީ މިދިޔަ ދިގު ތިރީސް އަހަރު ޖެހުނު ދަތުރުކަން އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ. ”އިންތިޚާބު ގާތްވީމާ އަޅުގަނޑު އެއްބަފާ ދެމީހަކާއި ދެޅިޔަނެއްގެ އަތަށް ފައިސާކޮޅެއްދީފައި، ހޯރަފުށްޓަށް ފޮނުވައި ހޯރަފުށީ ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާލެވިދާނެ. އަޅުގަނޑަށްވެސް ދެތިން ދަޅައެއް ދައްކައިލެވިދާނެ. އަދި އަޅުގަނޑަށްވެސް ފުލުހުން މެދުވެރިކޮށް ބިރުދައްކާވެސް ހެދިދާނެ. އެހެން ނަމަވެސް، މިއިން އެއްވެސް ކަމެއް އަޅުގަނޑުމެން ކޮށްފިނަމަ، އަޅުގަނޑުމެން މިރާއްޖޭގައި ޤާއިމު ކުރަން މިއުޅޭ ހެޔޮވެރިކަމުގެ ނިޒާމު މުޅި ޢުމުރަށް އަނެއްކާވެސް ގެއްލިދާނީ.“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ހޯރަފުށީގައި 100ގެ އަޅުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ، ހަމައެކަނި ވާން ހުރި ކަންކަމުގެ ވާހަކަ ދައްކަވަން ކަމުގައިވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި، އަޅުގަނޑުމެންގެ ޢަޒުމް ވަރުގަދައެވެ. އަޅުގަނޑުމެންގެ އަމާޒެއް އެބައޮތެވެ. މިމަސައްކަތުގައި އަޅުގަނޑުމެން ހޭދަކުރާ ވަގުތު ކުޑައެއް ނުވާނެއެވެ. އަޅުގަނޑުމެން އަތް އުރާލައިގެން ނުތިބޭނެއެވެ. މި ސަރުކާރަކީ ވަރުގަދަ ސަރުކާރެކެވެ. ރައީސްގެ ވާހަކަފުޅުގައި އަދިވެސް ވިދާޅުވިއެވެ. ”މި ސަރުކާރު ވައްޓައެއްނުލެވޭނެ. ޤާނޫނީގޮތުން އަޅުގަނޑުމެން ވެރިކަމަށް އައިސް މިތިބީ. އަޅުގަނޑުމެންގެ ޤާނޫނީ ދައުރެއް އެބައޮތް. މި ވެރިކަން އަޅުގަނޑުމެންގެ އަތުން ފިރުކާލެވޭނެވަރުގެ ބައެއް މި ރާއްޖެއަކު ނެތް.“

ރައީސް ނަޝީދު ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު މޮޅަދުއަށްވެސް ވަޑައިގެންނެވިއެވެ. މޮޅަދުއަށް ވަޑައިގެން، މޮޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް، ސަރުކާރުން މަޝްރޫޢުތައް ރާއްވަވަމުން ގެންދަވަނީ، ދެމެހެއްޓެނި ގޮތަކަށް ވިސްނާވަޑައިގަންނަވައިގެން ކަމުގައި ވިދާޅުވިއެވެ. ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުގެ ތެރެއިން އެރަށުގައި ދިހަވަރަކަށް ނުވަތަ ފަނަރަވަރަކަށް ލަގްޒަރީވިލާ އެޅުއްވުމަށް ހަމަޖެހިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި މަޝްރޫޢު ހިނގަން ފެށީމާ، ހުރިހާ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތު ލިބޭނެ ކަމަށާއި، އަނެއް ދިވެހިރާއްޖޭގެ ރަށަކަށް މޮޅަދޫ ބަދަލުވެގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.