މާލެ ވިލިނގިލީގެ ލުއި ޞިނާޢީ ޕާކުގެ މަޝްރޫޢު، ރައީސް މުޙަންމަދު ނަޝީދު އިޢްލާންކޮށްދެއްވައި، އެ ޕާކުން ބިން ދޫކުރެއްވުމުގެ މަޝްރޫޢު އެމަނިކުފާނު ފަށްޓަވައިދެއްވައިފިއެވެ. މިކަމަށްޓަކައި ރޭ ވިލިނގިލީގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް މި ފަސް އަހަރުދުވަހުގެ ތެރޭގައި، ފުއްދަވައިދެއްވާނެ ކަމަށާއި، އަޅުގަނޑުމެން މި އުންމީދު ކުރާ އަނެއް ދިވެހިރާއްޖެ ޙަޤީޤަތަކަށްވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވިލިނގިލިން ހުރިހާ ޚިދްމަތްތައް ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސެވުމުގެ ސިޔާސަތެއް ރާއްވަވަމުން ގެންދަވާ ކަމަށާއި، ބޭނުންފުޅަކީ ޞިއްޙީ ޚިދްމަތާއި ތަޢްލީމީ ޚިދްމަތާއި އަދި ވަޒީފާގެ ފުރްޞަތުތައް ވިލިނގިލީގައި ދިރިއުޅޭ މީހުންނަށް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ މި ފަސްއަހަރު ދުވަހުގެ ތެރޭގައި، މި ޚިދްމަތްތައް ވިލިނގިލިން ލިބޭނެގޮތް ހައްދަވައި ދެއްވާނެކަން ރައީސް ހާމަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތަކަކީ، ދެމެހެއްޓެނިވި ގޮތުގައި ތާއަބަދަށް ހިނގަހިނގާ ހުންނަ ޚިދްމަތަކަކަށްވާންޖެހޭނެ ކަމަށާއި، މިކަންކަން ކުރެވޭނީ، ފުރިހަމަ ރޭވުމެއް އޮވެގެން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކަންތައްތައް ރަނގަޅަށް ހިންގުމަކީ ދުރު ވިސްނައިގެން ހިންގުންކަން ބަޔާންކުރައްވަމުން، އެމަނިކުފާނުގެ ޓީމް ދުރަށް ވިސްނާވަޑައިގަންނަވަނީ، ހަމައެކަނި ސިޔާސީ ކަންކަމުގައި ނޫން ކަމަށާއި، ރައްޔިތުންނަށް ޚިދްމަތް ފޯރުވައިދިނުމުގައި އަދި ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި އަޅުގަނޑުމެން އަބަދުވެސް ހަކުޅި ކުރިއަށް ވިސްނަންޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޑެމޮކްރަސީގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ މަޝްވަރާގެ މަރްޙަލާތައް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، އޭގެތެރެއިން ރައްޔިތުންގެ ތާއީދު ހޯދުން ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ.