ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ނިންމުމުގެ މިންވަރު ކަނޑައަޅާބަޔަކީ ދިވެހި ޒުވާނުންކަމަށާއި، ޒުވާނުންގެ ހަކަތައަކީ ރާއްޖޭގެ ކުރިއެރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށްފަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިންނަވަރުގައި ބޯފެނުގެ ޚިދުމަތް ތަރައްޤީކުރުމުގެ މަޝްރޫޢަށް މާލީގޮތުން އެހީތެރިވެދިން ޔޫއެސްއެއިޑާއި، ޢަމަލީގޮތުން އެހީތެރިވެދިން ޔޫއެންއޯޕީއެސްގެ އެހީތެރިކަން ފާހަގަކުރައްވައި، އެމެރިކާގެ ރައްޔިތުންގެ ފަރާތުން ކުދި ދަޢުލަތްތަކަށް މިދެއްވާ އެހީތެރި ކަމަށްޓަކައި އިޚްލާސްތެރިކަމާއެކު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއެސްއެއިޑުގެ ފަރާތުން ރާއްޖެއަށް މީގެކުރިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން އެމަނިކުފާނުގެ މަތީތަޢުލީމުގެ ފުރުސަތަކީވެސް ޔޫއެސްއެއިޑުގެ ފަރާތުން ދެއްވި ފުރުޞަތެއްކަން ފާހަގަ ކުރައްވައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެފަރާތަށް ޝުކުރު އަދާކުރައްވާފައެވެ.

އެމެރިކާގެ އެހީގައި ތަރައްޤީކޮށް ހިންނަވަރުގައި މިއަދު އިފްތިތާޙްކުރެވިގެންދިޔަ ރައްކާތެރި ބޯފެނުގެ ނިޒާމަކީ ދުވާލުގެ ވަގުތުތަކުގައި ސައްތައިންސައްތަ އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފައްދާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން ލޮނުފެން މީރުފެނަށް ހެދުމާއި، ވާރޭފެން ރައްކާކުރެވި ޓްރީޓްކޮށް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑެތި އާބާދީތަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުދިގެން ދިޔުމަކީ ގިނަ ރައްޔިތުންތަކަކަށް އޭގެ ލުއި ފަސޭހަކަން އިޙްސާސްކުރެވޭނެ ކަމެއްކަން ފާހަގަކުރައްވައި މިފަދަ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ރިވެތި ސިފަ ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަށް އެދިވަޑައިގެންފައެވެ.

އެމަނިފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދެ ރިސޯޓާއި ލެޕްޓޮޕެއް އެކަނި ހިފައިގެން ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ރާއްޖެއަށް ހޯދައިނުދެވޭނެކަމަށާއި ސަރުކާރުން ލޯނު ނަގަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތައް ފުއްދައިދިނުމަށްކަން ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ހުރިހާ ކަމެއްގައި ބޭރުގެ މާހިރުން ލަފާ ހޯދުމަކީ ދިވެހި ވެއްޓަށް އެންމެ ފައިދާހުރިގޮތްކަމުގައި ނުވާތީ ރައްޔިތުންގެ ހާލަތު ދަންނަ، ރައްޔިޔުންގެ އުންމީދުތައް އެނގޭ ދިވެހި ދަރިން ތަމްރީނުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ޒުވާނުން ތަމްރީނުކުރުމަށްޓަކައި މި ސަރުކާރުން ލޯނުގެ އެހީ ހޯދަމުންދާ ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޑިމޮކްރަސީގެ ނަމުގައި ވިޔަސް ރާއްޖޭގައި އިސްލާމް ދީނަށް ފާޑުކިޔުމުގެ މިނިވަންކަން ނުދެވޭނެކަމަށާއި އެކަން މި ސަރުކާރުން ކަށަވަރުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހެނދުނު ފެއްޓެވި މިދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަރުފުޅުގައި ބައެއް ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.