ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފާދިއްޕޮޅު ހިންނަވަރަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިންނަވަރަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިންނަވަރަށް ކުރައްވާ މި ޒިޔާރަތަކީ އެރަށުގެ އިތުރުން އެމަނިކުފާނު، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރައްވާ ޒިޔާރަތެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ހިންނަވަރުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، މިޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހެނދުނު ފެއްޓެވި 3 ދުވަހުގެ މިދަތުރުފުޅުގައި އިއްޔެ ވަނީ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއަށާއި، ހެނބަދޫއަށާއި، ހޮޅުދޫ އަދި ވެލިދޫއަށް ޒިޔާރާތް ކުރައްވާފައެވެ. އިއްޔެ ޒިޔާރަތް ކުރެއްވި ރަށްތަކުގެ ތެރެއިން، މާޅެންދޫއަށް ވަޑައިގެން އެރަށު ބަނދަރާއި އެރަށު މިސްކިތް ހުޅުއްވައިދެއްވައި ހެނބަދޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވައި، ހޮޅުދޫ އަދި ވެލިދޫގެ ބަނދަރު ވެސް ވަނީ ހުޅުއްވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަދާއި، މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކުގައި ވެސް ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.