މި ސަރުކާރުން އިންސާނީ ވަޞީލަތް ތަރައްޤީކުރަން މަސައްކަތް ކުރަނީ ދިވެހިންގެ ހުރިހާ ކަމެއް ދިވެހިން ލައްވާ ނިންމުމަށް ބޭނުންފުޅުވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދޫގައި ސަރުކާރުން ތަރައްޤީ ކުރި ބަނދަރު ހުޅުއްވައިދެއްވުމަށްފަހު މިއަދު މެންދުރުފަހު އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ވިސްނުމުގައި ދިވެހިން މިއަދު ދާން ބޭނުންވަނީ ތަރައްޤީވެފައިވާ ވަޞީލަތްތައް ގިނަ ޤައުމުތަކުން ލިބޭ ފަދަ ފުރިހަމަ ޚިދުމަތްތައް ލިބޭ ޤައުމަކަށް ރާއްޖެވާ ހިސާބަށްކަމަށާއި، ރާއްޖެ އެހިސާބަށް ގެންދެވޭނެ ފަދަ ޤާބިލުކަމާއި ހުނަރު ހުރި ދިވެހި ދަރިން ރާއްޖޭގައި އެބަތިބިކަން އެކި މުނާސަބަތުތަކުގައި ދިވެހި ދަރިން ސާބިތުކޮށްދީފައިވާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިގޮތުގައި ރާއްޖެއިން ހުރިހާ ފުރުޞަތުތަކެއް ހޯދައިދިނުމަށްފަހު އޭގެ ހުރިހާ ފައިދާއެއް ބިދޭސީންނަށް ލިބޭގޮތަށް އޮތުމަކީ ޤައުމެއްގެ ހައިސިއްޔަތުން އެއްވެސް ޤައުމަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަބަދުވެސް ސަރުކާރަކުން ވިސްނަން ޖެހޭނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް، އާ ގޮތްތަކާއި އާ ޢީޖާދުތައް ހޯދައިގެން ފައިސާ ހޯދާނެ ގޮތްތައް ދެނެގަނެ އަދި އެކަންކަން ކުރެވޭނެ ގޮތް ހޯދުންކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެއްވެސް ދެޤައުމެއްގައި ޑިމޮކްރަސީ އެއްވަރަކަށް ނޯންނާނެކަމަށާއި، ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ޑިމޮކްރަސީ އޮންނަންވާނީ އިސްލާމީ މިންގަޑުތަކަށް ފެތޭގޮތަށް، ވަކި ހުދޫދަކާއި ވަކި ޝަރުޢީ ހަމަތަކަކަށް ފެތޭގޮތަށް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފެއްޓެވި މިދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަރުފުޅުގައި ބައެއް ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.